ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. މި ތާރީހީ މުނާސަބަތުންވެސް، ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހާއްސަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަގީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް ރައީސް ފޮނުއްވި މެސެޖުގައި ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތް ތަނުގައި، އެ ގައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލުވެސް ވަނީ ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ތަހުނިޔާގެ މެސެޖުގައި ޚަލީލު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދުގައި އޮންނަ އެކުވެރި ގާތްގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަމަށަޢީ ދެގައުމުގެމެދުގައި ބަދަހިވަމުން އަންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެގައުމުގެ ތަރައްގީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމްއާއިއެކު ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.