މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށްގެން "އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން" ތަމްރީން ޕުރޮގުރާމެއް ހިންގައިފިއެވެ.
މިގޮތުން ކަރެކްޝަންސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ހިމެނޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ޖޫން 18 ން 19 އަށް ހިންގި މި ތަމްރީނުގެ މައިގަނޑު މަޤުޞަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕުރޮގުރާމުތައް މިހާރަށްވުރެއް ހަރުދަނާކޮށް، އެ ތަމްރީން ޕުރޮގުރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލިއްޔަތު ކުރިއެރުވުމެވެ.
މި ޓްރޭނިންގ ޕުރޮގުރާމުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.