އެމްޑީޕީގެ ހަފްލާއަކަށް ސަލްޓަންޕާރކް ދޭން ނިންމައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވަން ސަރުކާރުން ހުރަސް އަޅާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވަނިކޮށް، ހަފުލާ ބާއްވަން ސަލްޓަން ޕާކް ދޭން ނިންމައިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަޖައްސައި ނުދޭ ނަމަ އެ ހަފުލާ ބާއްވާނީ ރައީސްގެ ގެކޮޅު މުލިއާގެ ކައިރީގައި ކަމަށެވެ.
ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވީ، ދުރާލާ ހުއްދަ ނުހޯދައި އެއްވުންތައް ބޭއްވޭނެ ތަންތަން ކަނޑައަޅައިފައިވާނެ ކަމަށާއި، އެފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނިމުނު އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ފުޅާކޮށްފައިވާނެ ކަމަށެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.