ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި ވީއައިއޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކައުންޓްޑައުން ފައްޓަވައިދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
މިކަން ހާމަކުރެއްވީ އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރަ ޝަފީޒު އަހުމަދެވެ.
ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި އާ ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެއެވެ. މީގެ ތެރޭގައި އައު ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނެއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ވީއައިއޭގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމެވެ.
ޓާމިނަލް ހުޅުވުމަށްފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ޝަފީޒު އަހުމަދު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މުޅި އެއާޕޯޓުގެ މަސައްކަތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.