ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން، ގިނަ ހަރަކާތްތަކަކާއެކު "މޫދު ފެސްޓް" ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި މިއަދު ފަށައިފިއެވެ. މި ފެސްޓިވަލް ކުރިއަށް ދަނީ މެންދުރު 1 އިން ހަވީރު 6 އަށް، އާއިލާތަކާއި ކުޑަކުދިންނަށް ކަނޑުގެ މުހިންމުކަން އަންގައިދިނުމުގެ މަގްސަދުގައެވެ.
މި ފެސްޓިވަލްގައި ކަނޑުގެ މައުލޫމާތު ދިނުމަށް ޓަކައި އެކިއެކި ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. މި ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.
"މޫދު ފެސްޓް"ގެ ސްޓޯލްތަކުގައި ކުޑަކުދިންނާއި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
މި ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދިޔައީ ޑައިވް ސެންޓަރުތަކާ ގުޅިގެން ހިންގި "ޑިސްކަވާ ޑައިވް" ހަރަކާތެވެ. އެ ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފުރުސަތުގެ ބޭނުންކޮށްގެން 40 ކުޑަކުދިން ވަނީ ކަނޑުގެ ރީތިކަން ކައިރިން ދެކި، ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ހޯދާފައެވެ