އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ބޮން އަޅައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އެ މަރުކަޒުތަކަކީ އީރާނުގެ ފޯރްޑޯ، ނަތާންޒް އަދި އިސްފަހާން އެވެ. ޓްރަމްޕް ވިދާޅުވީ އެހަމަލާތަށް ވަރަށް ކާމިޔާބު ކަމަށެވެ.
"އަހަރެމެން ވަނީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް، އޭގެ ތެރޭގައި ފޯޑޯ، ނަތަންޒް އަދި އިސްފަހާން ހިމެނޭ
ޓްރަމްޕް ވިދާޅުވީ ހަމަލާދިނުމަށްފަހު ހުރިހާ މަތިންދާބޯޓެއް އީރާނުގެ ވައިގެ ސަރަހައްދުން މިހާރު ވަނީ ނިކުމެފައި ކަމަށެވެ.
ފޯޑޯ ފޮރުވިފައި އޮތީ ތެހެރާންގެ ދެކުނުގައި އޮންނަ ފަރުބަދައެއްގެ ތެރޭގައެވެ.
އިސްރާއީލްގެ އޮފިޝަލަކު ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެމެރިކާ އިން ރޭ ދަންވަރު އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އެޅުމުގައި ބޭނުންކުރީ ބީ-2 ބޮން އަޅާ މަތިންދާ ބޯޓެވެ.
ދުނިޔޭގެ ބިމުގެ ތިރިން ފޯޑޯގެ ފުންމިނުގެ ސަބަބުން އިސްރާއީލުން ދޭ ހަމަލާތަކުގައި ފޯޑޯއާ ހަމައަށް ވާސިލްވުމަށް ދަތިތަކެއް ކުރިމަތިވެފައިވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އީރާނުގެ ބިމު އަޑީގައިވާ ފޯޑޯ ނިއުކްލިއާ ފެސިލިޓީ ގޮއްވާލެވޭނީ އެ ބޮން ބޭނުންކޮށްގެންނެވެ. އެ ބޮން އުފުލުމުގެ ގާބިލުކަން ހުންނަނީ ވެސް ހަމައެކަނި އެމެރިކާއިން ގެންގުޅޭ ބ-ީ2 މަތިންދާބޯޓުތަކުގައެވެ.
އެހެންކަމުން އެމެރިކާއިން ދިން ބޮމުގެ ހަމަލާއަކީ ފޯޑޯ ހަލާކުކޮށްލާވަރަށް ވަރުގަދަ އަދި ބޮޑު ބޮމެއް އޮތް "ބަންކަރ ބަސްޓަރ" ބޮމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އެމެރިކާގެ އެ ބޮމަށް ކިޔަނީ ޖީބީޔޫ-57 މެސިވް އޯޑަންސް ޕެނެޓްރޭޓަރ (އެމްއޯޕީ) އެވެ. ބަރުދަނުގައި 13،000 ކިލޯ (30،000 ޕައުންޑް) ހުންނައިރު، ގޮވުމުގެ ކުރިން ގާތްގަނޑަކަށް 18 މީޓަރުގެ ކޮންކްރީޓް ނުވަތަ 61 މީޓަރުގެ ބިމުގެ ތެރެއަށް ވަދެވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ފޯޑޯ ޓަނަލްތައް ބިމުގެ 80 މީޓަރާއި 90 މީޓަރާއި ދެމެދުގެ ތިރީގައި ހުންނަ ކަމަށް ބެލެވޭތީ އެމްއޯޕީ ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް އެއީ ކައިރިއަށް އަތުވެދާނެ ހަމައެކަނި ބޮމެވެ.
އެމެރިކާ އިން މިހަނގުރާމައިގެ ތެރެއަށް ވަނުން އެއީ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއްކަމުގެ އިންޒާރު ތަޖުރިބާކާރުންނާއި އެހެން ގައުމުތަކުގެ ވެރިން ވެސް އަންނަނީ ދެމުންނެވެ.
އީރާނުން ބުނާ ގޮތުގައި، ޖޫން 13 ގައި އިސްރާއީލުން ހަމަލާތައް ދޭން ފެށިފަހުން އެ ގައުމުން 400 އަށް ވުރެ ގިނަ މީހުން މަރުވެ، 3,056 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އީރާނުގެ ހަމަލާތަކުގައި އިސްރާއީލުން މަދުވެގެން 24 މީހަކު މަރުވެފައިވެއެވެ.