ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނުއުޅުވޭ ވަރަށް އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައިވަނީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ.
އެމްއެންޑީއެފުން ބުނީ، އެއެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާއިރުކަމަށެވެ. އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، ގިނައިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާލެވުނުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެެވެ.
އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައެވެ. ނަމަވެސް ގޮދަޑީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިހާދިސާ ހިނގި އެޕާޓްމެންޓްގެ ފޮޓޯއެއް އެމްއެންޑީއެފުން ވަނީ ހިއްސާކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުން، ކޮޓަރީގައި ހުރި ބަންކު ބެޑެއްގައި ރޯވެ، އެނދު ވަނީ އެއްކޮށް އަނދާފައެވެ.