އާއްމުކޮށް ދިވެހިން އޮންލައިން ވިޔަފާރިކުރާ ބައެއް ސައިޓުތަކުން ކުރާ ވިޔަފާރި މުއާމަލާތަށް 30 ޕަސެންޓްގެ ފީއެއް ނެގުމަށް ބީއެމްއެލް އިން ނިންމަިއފިއެވެ.
އެގޮތުން މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ފައިސާދައްކާއިރު 30 ޕަސެންޓާއި ހަމައަށް ފީއެއް ނެގޭނެ ކަމަށްބީއެމްއެލްއިން މައުލޫމާތުދެއެވެ.
މިގޮތަށް އަމަލު ކުރާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖެއިން ބޭރުގައި އެކި ސަބަބުތަކަށް ޓަކައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ފޮނުވުމަށާއި ބޭރުން ވިޔަފާރި ކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ޓީޓީ ޚިދުމަތް ބޭނުންކުރެއެވެ. އެ ޚިދުމަތް އަވަސްކުރުމަށް ޓަކައި ޓީޓީ ޕްރޮސެސް ކުރާ ވަގުތު ބީއެމްއެލްއިން ވަނީ 2023ގައި އިތުރުކޮށްފައެވެ.
އެ ބަދަލުގެ ދަށުން، ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފަައިވެއެވެ.
އެ ބޭންކުން މިއަދުވަނީ އިތުރު ބަދަލުތަކެއް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރުމާއި ޓެމޫ ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމުން 30 ޕަސެންޓްގެ ފީއެއް ނަގާނެކަން އިއުލާންކުރުން ހިމެނެއެވެ.
ބޭންކް ރޭޓުގައި ޑޮލަރު ލިބެނީ 15.42އަށް ކަމަށްވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ.