ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުތަކުން ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރާއިރު %30 ގެ ފީއެއް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރެވެ.
މައުރޫފްގެ މައްސަލައިގައި އޭނާ އެދިވަޑައިގެންފައި ވަނީ އެ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށެވެ. އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސް ކުރުމުންނެވެ.
މި މައްސަލަ ބަލައިގަންނަން 11 މެންބަރަކު ވޯޓު ދެއްވިއިރު، މައްސަލަ ބަލައިނުގަންނަން ވޯޓު ދެއްވީ 29 މެންބަރެކެވެ.
މަޢުރޫފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޖުލައި 1 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރު ލިމިޓު ކުޑަކުރުމާއި، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނެގުމާއި، ދިވެހީންގެ ތެރޭގައި ވިޔަފާރިކުރަން މަޤުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 އިންސައްތައިގެ ފީއެއް ނެގުމުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.