ކަސްޓަމްސްގެ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަ ސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަ (އޭއީއޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ޙާސިލްކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ހޮވިއްޖެ އެވެ.
އެ ކުންފުންޏަށް އިއްޔެ ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ.
އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ އެތަނުގެ މާލެ އޮފީހުގެ މެނޭޖަރު ހުސެއިން ހަމީދެވެ.
އެ ހަފުލާގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ ދުނިޔޭގެ 89 ޤައުމެއްގައި މިހާރު ތަންފީޒްކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. އޭނަ ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުންފުނިތައް ތިން ގިންތިއަކަށް ބެހިގެންދާއިރު، އެކުންފުނިތަކުން ޤަވާއިދުތައް ތަންފީޒު ކުރާ މިންވަރަށާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތައް ބަލައި، އިތުރު ފަސޭހަތައް ލިބިދޭ ގިންތިއަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަ ޕްރޮގްރާމަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ޤާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ޚާއްޞަ ފައިދާތަކާއި ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.
ކަސްޓަމްސްއިން ފަށާފައިވާ ޕްރޮގްރާމުގައި ކުންފުނިތައް ތިން ޓިއާއަކަށް ނުވަތަ ގިންތިއަކަށް ބަހާފައިވެ އެވެ. އެއީ ގޯލްޑް، ސިލްވަ އަދި ޕްލެޓިނަމް ޓިއާ އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ޢަމަލު ކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ޚާއްސަ ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.
އެގޮތުން މެދުކެނޑުމެއް ނެތި މަދުވެގެން ގަސް އަހަރު ދުވަހު މުދާ އިމްޕޯޓް ކޮށްފައިވާ ނަމަ ނުވަތަ އެކްސްޕޯޓްކޮށްފައިވާ ނަމަ، އެފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏަކަށް ވިޔަސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.