އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ހ. ހޯސްޓްސައިޑް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ އަރުވާފައިވާތީ، އެކަމާމެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު މުޢުތަޞިމް ޢަދުނާން ޖުލައި 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
މިވަގުތު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލްޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ފަނޑިޔާރުކަން ކުރައްވައިފައެވެ. މިގޮތުން އޭނާ ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައެވެ.