އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 މީހަކަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ސްކޮލަޝިޕްގެ ފުރުސަތު ދީފިއެވެ.
މި ސްކޮލަޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމައީލް ޝަފީއެވެ.
އެމްއެމްއޭއިން ބުނީ މި ސްކޮލަޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި 15 ސްކޮލަޝިޕްގެ ތެރެއިން ފަސް ސްކޮލަޝިޕަކީ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ، ފުލީ ފަންޑެޑް ސްކޮލަޝިޕްތައް ކަމަށާއި، ބާކީ 10 ސްކޮލަޝިޕަކީ ބައެއް ޚަރަދުތައް ހަމަޖައްސައިދޭ ސްކޮލަޝިޕްތައް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީއާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ އިލްމުވެރިން އެކުލަވާލާފައިވާ ކޯހެއް ކަމަށެވެ. އަދި އެއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަޝިޕް ހުނަރުތައް އިތުރުކުރުމާއި، މުއައްސަސާތަކާއި މުޖުތަމައުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެ ކޯހަށް ސްކޮލަޝިޕްތައް ދެނީ ރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭއިން ކަނޑައަޅައިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ދަށުންކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.