ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިއުމާ ގުޅިގެން އެތަން ހިންގާ ކުންފުނި ޖޫރިމަނާކޮށްފއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ، ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް އުމާރާތްކުރުމާގުޅޭގޮތުން 15 ފެބްރުވަރީ 2024 ގައި އެއެޖެންސީއަށް ހުށައަޅައި، 17 މާރިޗު 2024 ގައި އިތުރު މައުލޫމާތު ހުށައަޅާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި، އެ މަޝްރޫއުގެ މަސައްކަތްތައް އެއެޖެންސީގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން އެ ކަންހިނގައި ދިޔަގޮތުގެ ރިޕޯޓެއް އީޕީއޭއަށް ހުށަހެޅުމަށް އެދިފައިވުމުން، އެ ފަރާތުން ވަނީ ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީޕީއޭގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާ ކަމަށް ބަޔާންކޮށް އެކަމަށް އިއުތިރާފުވެފައިކަމަށް އެ އެޖެންސީން ބުންޏެވެ.
އެހެންކަމުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި، ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާތީ، އެ މަޝްރޫޢުގެ ވެރިފަރާތް ކަމުގައިވާ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 20,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ބުންޏެވެ. އަދި، މި ޖޫރިމަނާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.