ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު ސިސްޓަމް) މި މަހު ފުރަތަމަ ފަހަރަށް ދޯންޏެއްގައި ޓެސްޓް ކުރަން ތައްޔާރުވާން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ޔަންމާއާއި ޔަންމާގެ ރާއްޖޭގައި ހަރަކާތްތެރިވާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، އެމްޓީސީސީ އާއި ގުޅިގެން، ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށް ތައްޔާރުކުރި ސިސްޓަމެއް ކަމަށެވެ.
އެމްޓީސީސީން އެންމެ ފުރަތަމަ މި ޓެސްޓް ޓްރަޔަލް ކުރިއަށް ގެންދާނީ ގދ. މަޑަވެލި 'ކަމަނަ' ދޯނީގަ އެވެ.
މިއާރުއެސްޑަބްލިއު ސިސްޓަމްގެ އެންމެ ބޮޑު ތަފާތަކީ މިއީ ސީދާ ރާއްޖެއަށް ފޯކަސް ކުރެވިގެން ތައްޔާރުކޮށްފައިވާ ސިސްޓަމަކަށްވުމެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކާއި އުޅަނދުތަކާއި ގުޅޭނީ ކިހިނެތްތޯ އާއި، ކޮން ސައިޒެއްތޯ ބަލައި ދިރާސާކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ނިޒާމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ފަސޭހަތަކެއް ގެނެސްދޭނެ ކަމެއް ކަމަށް އެމްޓީސީސީ އާއި ފިޝަރީޒް މިނިސްޓްރީން ވެސް ބުނެ އެވެ.
އެމްޓީސީސީން ބުނީ 'ކަމަނަ' ދޯނީގައި ކުރިއަށް ގެންދާ ޓެސްޓް ޓްރަޔަލް ފުރިހަމަކޮށް ނިމުމާ އެކު، ސިސްޓަމް އާންމުކޮށް ވިއްކަން ފަށާނެ ކަމަށެވެ.