ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ އަބުދުﷲ މުއްތަލިބުއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑީ.ސީ.ޕީ ( ރޓ ) އަހްމަދު ސަޢުދީއެވެ.
ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 25 މީޓަރުގެ ހަ ފައިކަށިލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ އަގަކީ 137 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މިއަދު ވަނީ ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ.