ހުޅުމާލެއިން މިދިޔަ މަސް ތެރޭގައި ގެއްލުނު 11 ފޯނާއި ދެ ސައިކަލު ފުލުހުން ހޯދައިފިއެވެ.
ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ޖުލައި މަހުގެ ތަފާސް ހިސާބުތައް ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.
އޭގައިވާގޮތުން ހުޅުމާލެ ފޭސް އެކަކުން މިދިޔަ މަސް ތެރޭގައި ގެއްލުނު 75،000ރގެ އަގު ހުރި 11 ފޯނާއި، 60،000ރގެ އަގުހުރި ދެ ސައިކަލު ފުލުހުން ހޯދިއިރު، 10،000ރ.ގެ އަގުހުރި ފަސް އިލެކްޓްރޯނިކް ސަމާނާއި، 1،925ރ ހޯދާފައި ވެއެވެ. ފުލުހުން ހޯދާފައިވާ އިތުރު ތަކެތީގެ އަދަދު 42 އަށް އަރާއިރު، މީގެ ތެރޭގައި ހިމެނެނީ އައިޑީކާޑާއި، ކޭޝްކާޑު ފަދަ ތަކެއްޗެވެ.
މީގެ އިތުރުން މިދިޔަ މަހު ހުޅުމާލެ ފޭސް އެކަކުން ފުލުހުން ވަނީ 21،458 ތަނެއްގެ ލޮކޭޝަން ޗެކްކޮށްފައެވެ. އަދި ފައިމަގުގައި ހުޅުމާލެ ފޭސް އެކެއް ސަރަހައްދު 657 ގަޑިއިރު ބަލާފައި ވެއެވެ. އަދި ހުޅުމާލޭގައި ހުއްޓުވާ ސުވާލު ކުރި މީހުންގެ އަދަދު 1،249 އަށް އަރާއިރު، އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 786 މީހަކާއި، ކުށުގެ ރެކޯޑް ނެތް 589 މީހުން ހިމެނެއެވެ.
މިދިޔަ މަހު ހުޅުމާލެ ދޭސް ދޭއްގައި ފުލުހުން ކުރި މަސައްކަތަށް ބަލާއިރު، 8،030 ތަނެއްގެ ލޮކޭޝަން ޗެކްކޮށްފައެވެ. އަދި ފައިމަގުގައި ހުޅުމާލެ ފޭސް ދޭއް ސަރަހައްދު 470 ގަޑިއިރާއި 25 މިނެޓް ވަންދެން ބަލާފައި ވެއެވެ. އަދި ހުޅުމާލެ ފޭސް އެކެއްގައި ހުއްޓުވާ ސުވާލު ކުރި މީހުންގެ އަދަދު 389 އަށް އަރާއިރު، އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 300 މީހަކާއި، ކުށުގެ ރެކޯޑް ނެތް 89 މީހުން ހިމެނެއެވެ.
ހުޅުމާލެ ފޭސް ދެއަކުން މިދިޔަ މަސް ތެރޭގައި ގެއްލުނު ނޫނީ ފުލުހުން ހޯދި ފައިސާގެ އަދަދު 62،045 އަށް އަރާއިރު، 3،900ރ.ގެ އަގުހުރި އެހެނިހެން ތަކެތިވެސް ހޮވާފައި ވެއެވެ.