މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރު ވެސް ހުށަހެޅުއްވީ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށް މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކޭ ކަމަށެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ ރައީސް އައްޔަންކުރައްވާ މެމްބަރުން ތިއްބަވާ އަދި ރައީސް ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށް ބުންޏެެވެ.
އެމްޖޭއޭ އިން ބުނީ އެފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ އެ ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތެއް ނެތުން ކަމަށެވެ.
އެ ޖަމިއްޔާ އިން ވަނީ އެ ބިލާ ގުޅޭ އެކި ކަންކަމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލް މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއްކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ ކުރީގެ ތަޖުރިބާއަށް ބަލާއިރު މިހާރު އޮތް ނިޒާމު އިސްލާހުކުރަން ޖެހިފައިވާ ކަމަށާއި އެކަމަކު ދެން އެކުލަވާލާ ނިޒާމު ވާންޖެހޭނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓްކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެެވެ. އެ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ވައުދެއްކަން ވެސް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.