ސަރުކާރުން ހުށަހެޅި މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގެލެރީގައި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން ބައެއް މީހުން ތިބީ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ބޯޑުތައް ހިފަހައްޓައިގެންނެވެ. އަނެއް ބައެއް ނޫސްވެރިން ތިބީ ނުރުހުމުގެ ނިޝާނެއްގެ ގޮތުން އަނގަ މަތީގައި އަތް އަޅައިގެންނެވެ.
އެ ބިލާ ދެކޮޅަށް ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް, މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ ގެލަރީގައި މިއަދު ތިއްބެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މީޑިއާ ކައުންސިލުން ވަނީ އެ ބިލު ކުށްވެރިކޮށް، އަނބުރާ ގެންދިޔުމަށް ގޮވާލައިފައެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވަނީ މަޖިލީހަށް މީޑިއާތަކާ ގުޅޭ ބިލެއް ހުށަހެޅީ، ސަރުކާރުން އަޑީގައި އޮވެގެން، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކަމަށް ވިދާޅުވެފައެވެ.
އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ހުދުމުޚުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށާއި ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުން ކަމަށެވެ.
ބިލުގައި ބުނާ ގޮތުން، އަލަށް އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ހަތަރު މެންބަރުން އިންތިހާބު ކުރާނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުންނެވެ. ކޮމިޝަނުގެ ރައީސް ވެސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ކޮމިޝަން އުފެދުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލެވޭނެ އެވެ.
އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ ބާރުތަކުގެ ތެރޭގައި 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި، މައްސަލައެއް ބަލަމުންދަނިކޮށް ވަގުތީ ގޮތުން މީޑިއާގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ އިހުތިޔާރު ހިމެނެ އެވެ.