މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 11 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދުނީއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމުގައި ޤާނުނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
މި ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާރގެ ޝަރުޠުތަކާއި، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާއި ގުޅިގެން ޢަމަލުކުރާނެ ގޮތް ބަޔާންކުރައްވާފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.