ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް އަބްދުއްރަޙްމާން (އާދަމްބެ)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް (ނ.ދ.ޝ.އ) އަރުވައިފި އެވެ.
މި އިއްޒަތް އެރުވީ، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ.
އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އޮގަސްޓް 26، 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް އަބްދުއްރަހްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވާފަ އެވެ.
އާދަމް އަބްދުއްރަހްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ހާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ހައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ރާއްޖެތެރެ ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގެވި ދުވަސްވަރު، މަސައްކަތް ކުރައްވަމުން ގެންދެވީ މާލެއިން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅު އޮފީހުގެ ނުވަތަ ރަށު އޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައެވެ. އާދަމް އަބްދުއްރަޙްމާން ހުށަހެޅުއްވީ ކޮންޓްރެކްޓް އުސޫލުން އެފަދަ ކަންކަން ކުރެވޭނެ ގޮތަކަށް އުސޫލު ބަދަލުކުރެއްވުމަށެވެ. އެހެންކަމުން އޭރުގެ މިނިސްޓަރަށް ދަންނަވައިގެން އެ އުސޫލު ބަދަލުކުރައްވައި، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔަކަން އެއީ އެ މަގުން ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އާދަމް އަބްދުއްރަޙްމާން ދެކެވަޑައިގަންނަވަ އެވެ.
ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ހިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމްބެ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ހިދުމަތް ލިބޭނެ މަގު ފަހިވެގެން ދިޔަ އެވެ. އާދަމް އަބްދުއްރަޙްމާނަކީ ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން ރައްޔިތުންނަށް ދަތިވާ ކަންކަން އެވަގުތަކަށް ހައްލުކޮށްދެއްވެން އޮތް މިންވަރަކުން ހައްލުކޮށްދެއްވި އިހްލާސްތެރިކަމާއެކުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.
ހއ. އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް އަބްދުއްރަހްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވި އެވެ. އެ މަގާމުގައި ހުންނަވައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީހީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން އާދަމް އަބްދުއްރަހްމާން މަސައްކަތްޕުޅު ކުރެއްވި އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާންގެ ނާޒިރުކަންވެސް އާދަމް އަބްދުއްރަޙްމާން އަދާ ކުރައްވާފައިވެ އެވެ.
އާދަމްބެއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް އަބްދުއްރަޙްމާނަކީ މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ހާއްސަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް އަބްދުއްރަހްމާނަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި އޭގެ 12 އަހަރު ފަހުން 2016 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ.