އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ހިންގި 'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް' ގެ ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މިއީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މުއައްސަސާތަކަށް ހާއްސަކޮށްގެން އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގެ ނިމުން ފާހަގަ ކުރަން އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންްޑް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ކަރެކްޝަނަލް ސާވިސް އާއި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންންތަކެއް ވެސް ބައިވެރިވެވަޑައިގަތެވެ.
'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް' ޕްރޮގްރާމަކީ މިނިސްޓްރޫގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަޝިޕްގެ ގާބިލުކަން އިތުރުވާނެ ގޮތަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުންހުރި އެސައިންމަންޓްތައް ހިމަނައިގެންނެވެ. އެގޮތުން، ސްޓްރެޓެޖިކް ލީޑަޝިޕް، ގަވަނަންސް، ކްރައިސިސް ރެސްޕޮންސް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ޕާފޯމަންސް މެނޭޖްމަންޓް އަދި ސްޓޭކްހޯލްޑަ އެންގޭޖްމަންޓް ފަދަ މައުލޫތައް ހިމަނާފައިވެ އެވެ.
މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމާއި، ކޮލޮބަރޭޓިވް ޕްރެކްޓިސް އުނގަންނައިދިނުމުގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާނެ ރީޖަނަލް އަދި އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސެޝަންތައް ވެސް ހިމަނާފައިވެ އެވެ
ފުލުހުންގެ ޚިދުމަތާއި، ކަރެކްޝަންސް އާއި ކަސްޓަމްސް އަދި އިމިގްރޭޝަން ހިމެނޭ ގޮތަށް 28 މުވައްޒަފަކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެ އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާއަށެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން، އެ މިނިސްޓްރީގެ ސްޓްރެޓެޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަޝިޕް ސްކިލްސް ތަރައްގީކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަ ދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަން ޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެދިގެންދާނެ ކަމަށެވެ.