ރަޖިސްޓްރީކޮށްގެންގެން ހިންގަމުން އަންނަ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންފޮމޭޝަން މިނިސްޓްރީން އެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން އަންނަ މަހުގެ 27 އާ ހަމައަށް ކަމަށެވެ. އެހީ އަށް އެދުމުގެ ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ.
އެހީ އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ.
މީޑިއާތަކަށް ދޭ މާލީ އެހީ އަށް ހުޅުވާލާފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ވެސް އެކުލަވާލައި ދާދި ފަހުން އާންމުކޮށްފައިވެ އެވެ.
އެގޮތުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ.