ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ތ. ތިމަރަފުށި، ބޮޑުގެ މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަންކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޒްނާ އައްޔަން ކުރެއްވީ ނޮވެމްބަރު 2023 ގަ އެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މި ބަދަލު ގެނެސްފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ މިމަހުގެ ހަތް ވަނަ ދުވަހު ވަކިކޮށް އެ މަގާމަށް މ. ސިސްކިން އަހުމަދު ޝަމާހް ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ.