މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އާ ރައީސަކަށް ނޫސްވެރިޔާ އަހުމަދު ނާއިފު ރޭ އިންތިހާބުކޮށް ފިއެވެ.
އެ ޖަމިއްޔާގެ އާ ރައީސަކަށް މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި އަދި "ދައުރު" ނޫހުގައި މަސައްކަތް ކުރަމުން އަންނަ ނާއިފް އިންތިހާބުކުރި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ "އަދަދު" ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނެވެ.
އެސްޖީގެ މަގާމަށް އިންތިހާބުކުރީ މިހާރު ރައީސްގެ މަގާމުގައި ހުންނެވި އަލީ ރިފްޝާނެވެ. އަދި ބަޖެޓު ސެކްރެޓަރީއަކަށް އިންތިހާބުކުރީ މުހައްމަދު އުސާމެވެ.
އެމްޖޭއެމްގެ ރައީސަކަށް އިންތިހާބުކުރި ނާއިފަކީ ދެ ދައުރެއްގައި އެ ޖަމިއްޔާގެ އެސްޖީގެ މަގާމު އަދާކޮށްފައިވާ މީހެކެވެ. އަދި ސެކްރެޓަރީ ޖެނެރަލަކަށް އިންތިހާބުކުރި ރިފްޝާން ދެ ދައުރެއްގައި ރައީސްކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ.
އެމްޖޭއޭގެ ރައީސާއި ނައިބު ރައީސާއި އެސްޖީ އަދި ބަޖެޓް ސެކްރެޓަރީގެ މަގާމަށް ވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓަކަށްވާތީ މަގާމުތަކަށް މީހުން ހޮވީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އެމްޖޭއޭ އަށް އާންމު މެންބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކުރާ ދެ އަންހެން މެންބަރުންގެ މަގާމަށް ތިން ކެންޑިޑޭޓަކު ވާދަކުރިއެވެ. އަދި އިންތިހާބުވީ ނަޝާމާ މުހައްމަދާއި މަރިޔަމް ޒަހާ އެވެ.
އެމްޖޭއޭގެ ހިންގާ ކޮމިޓީއަށް ދެން އިންތިހާބުކުރި އަނެއް މެންބަރަކީ އިބްރާހިމް މާހިލްއެވެ.
އެމްޖޭއޭގެ އާ ހިންގާ ކޮމިޓީން މަގާމުތަކާ ހަވާލުވާނީ މި މަހުގެ 17 ގަ އެވެ.