މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވާނެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއުލާންކޮށްފި އެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި މި ފޯރަމް ފަށާނީ މިރޭ 8:45 ގައެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށެވެ. އަދި ބިލާ ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މި ފޯރަމަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ އެމްޖޭއޭގެ ވަރަށް ބޮޑު އެދުމެކެވެ.
މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ.
އެ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ޕްރޯ މީޑިއާ ސަރުކާރެއް ކަމަށް ވިދާޅުވެ، ބިލް އިސްލާހުކުރާނެ ކަމަށް ވިދާޅުވެފައެވެ.