ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ހާއްސަ ފޯރަމެއް ރޭ ބާއްވައިފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބޭއްވި މި ފޯރަމްގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ބައިވެރިވެފައިވެ އެވެ.
މި ފޯރަމްގައި ގާނޫނީ ދާއިރާގެ މީހުންނާއި ނޫސްވެރިން އަދި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޒުވާނުން ވަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ތަފާތު އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި އާންމުން ވެސް މި ބިލުގައި ހުރި ބައެއް މާއްދާތަކާއި ގުޅޭގޮތުން ގާނޫނީ ދާއިރާގެ މީހުންނާއި ސުވާލުކޮށްފައިވެ އެވެ.
މީގެއިތުރުން މި ފޯރަމްގައި ވެސް ވަނީ ރައްޔިތުންގެ މަޖިލީހުން މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިން ގޮވައިލަމުން އަންނަނީ މި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މަޖިލީހުން ބޭރުކޮށްލުމަށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅައިފައެވެ. އެގޮތުން ބަންޑާރަނައިބުގެ އިދާރާއިން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފައެވެ.
ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.