ކުރިއަށް އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބާ ގުޅިގެން ޝަކުވާއާއި މައްސަލަ ހުށަހެޅުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޤާއިމްކޮށްފިއެވެ.
އީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. މިގޮތުން ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.
މީގެ އިތުރުން އީސީން ބުނީ ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށް ކަމަށާއި، ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓުން ލިބޭނޭ އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު އޮންނާނީ 11 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހު އެވެ.