ފުލުހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓު ބަލައިފާސްކޮށް ހައްޔަރުކުރީ ތިންބެއިން ކަމަށް ފުލުހުން ބުނެފި އެވެ.
މޯލްޑިވްސް ކަސްޓަމަސްއާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުންނެވެ. އެއީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.