ފެނަކަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުން ނުހައްގު މަންފާ ލިބުނު އާންމު މީހުންގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ފުޅާ ތަހުގީގެއް ކުރިއަށްގެންދަން ޕީޖީ އޮފީހުން އަންގައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ އެ އޮފީހުން ޚާއްޞަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވާފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، މި އޮފީހަށް ހުށަހެޅުމަށް ވެސް މިއަހަރުގެ ޖެނުއަރީ 19 ގައި އޭސީސީގައި ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު އަންނަ ބުދަ ދުވަހުގެ ޕީޖީ އޮފީހާ ހިއްސާކުރުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއްވަނީ އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް އެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.