އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުން ނިންމާލައިފި އެވެ.
އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ފަސް ޑިމާންޑެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ހިފެހެއްޓޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތައް މާދަމާ ބާއްވާ ޖަލްސާއަކުން އުވާލުމާއި، ސަރުކާރު ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަން ހުއްޓުވައި، ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ފަސް ހަފުތާ ތެރޭގައި ދެއްކުން ހިމެނެއެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މީޑިއާ ކޮންޓްރޯލްކުރުމަށް ހެދިފައިވާ ގާނޫނު ބާޠިލުކުރުމާއި، ރައްކާތެރި ބޭސްތަކާއި އާސަންދަގެ ޚިދުމަތް ކުރީގެ ސަރުކާރުގައި ލިބެމުން ދިޔަ ފެންވަރުގައި ފޯރުކޮށްދިނުމަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެއްވުން ކުރިއަށްދަނިކޮށް، ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންދިޔުމާ ގުޅިގެން، ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތް ދީ، ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައެވެ.
މި އެއްވުން ނިންމާލީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުން ކަމަށްވާއިރު، އެމްޑީޕީން ވަނީ މިއީ "ވޯމްއަޕް އެއް" ކަމަށް ބުނެފަ އެވެ.