ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑޭނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު ޚުތުބާ ކިޔާފައިވަނީ މުދަލުގެ ހުރުމަތުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލުނުކުރާނެ ކަމަށެވެ. އަދި، އިންސާނާއަށް މާތްﷲ ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
"މާތް ނަބިއްޔާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ،" ޚުތުބާގައިވެއެވެ.
ޚުތުބާގައި ބުނީ، އެއްވެސް މީހަކު އަނެކާގެ މުދަލާއި ހައްގަކަށް އަރައިގަތުމަކީ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށެވެ.
ހުތުބާގައި ބުނީ މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާ ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވާއިރު އެފަދަ ނޭދެވޭ ނުބައި ކަންކަންމުން ދުރުހެލިވެ ތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
"މުސްލިމް އަޚުންނޭވެ! ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!" ޚުތުބާގައިވެއެވެ.
ޚުތުބާގައި ވަނީ ހަލާލް ގޮތުގައި މުދަލާއި ފައިސާ ހޯދަން އެންމެހާ މުސްލިމުންނަށް ބާރުއަޅާފައެވެ.