ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް މި ލިންކް މެދުވެރިކޮށް، ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) އީޓީއޭ ފޯމް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.
މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.