އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް ކަމަށާއި މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫތަކަށް ކަމަށެވެ.
"އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެގޮތުން، ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، ރައީސް ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޞިއްޙީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް ވިދާޅުވިއެވެ.