ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ނަމާދަަށް ފަރުވާތެރިވުން" މި މަޢުޟޫ އެވެ.
މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށާއި، ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ކަމަށް ހުތުބާގައިވެ އެވެ. އަދި އެއީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ޝަރުއީ އުޒުރެއް ނެތި ނަމާދު އޭގެ ވަގުތުގައި ނުކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޚުތުބާގައި ފާހަގަކުރި އެވެ.
އިސްލާމް ދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ވަނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކަށް ނަމާދު ގާއިމުކުރުމަކީ ދޫކޮށްލެވޭނެ ފަރުޟެއް ނޫންކަން ހަނދާން ކޮށްދީފައެވެ.
"މުސްލިމް އަޚުންނޭވެ! ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ،" ޚުތުބާގައި ބުންޏެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައި މީހުން ނަމާދު ގާއިމުކުރާށެވެ. އަދި، މުޝްރިކުންގެ ތެރެއިން ތިޔަބައި މީހުން ނުވާށެވެ." ޚުތުބާގައި ބުނީ، އެއީ ނަމާދަށް ފަރުވާތެރިނުވާ މީހާ ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި އިލްމުވެރިން ގެންނަވާ އާޔަތެއް ކަމަށެވެ.
"ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތެވެ. އެ ދެމެދު ވަކިކުރާ އިމެވެ،" ޚުތުބާގައި ހަނދާންކޮށްދިނެެވެ.
މީގެ އިތުރުން، އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުން ކަމަށް މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، އެކަލޭގެފާނުގެ އުންމަތަށް ކުރެއްވި އެންމެ ފަހު ވަސިއްޔަތްޕުޅަކީ ވެސް ނަމާދުކަން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.