އައްޑޫ ސިޓީ ބައިބައިކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އެންމެ ބޮޑަށް ބޭނުން ވަނީ އެތަނުގައި ދިރިއުޅޭނެ ބޮޑު އާބާދީއެެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް އެންމެ ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށެވެ.
އެހެންވެ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށެވެ.
"[އެފަދަ ފުރުސަތެއް ފަހިކޮށް ދީފި ނަމަ] އައްޑު އަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ." ނަޝީދު ވިދާޅުވި އެވެ.
އައްޑު އަށް ސިޓީއެެއްގެ ދަރަޖަ ދިނީ ނަޝީދުގެ ވެރިކަމުގަ އެވެ.
މިހާރު ސިޓީ ކައުންސިލެއް އޮތް އައްޑޫގައި، ރަށު ކައުންސިލް ހަދަން ފެނޭތޯ އާންމުންގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގާނެ އެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.