ރައްޖޭގެ ހަތަރު ސިޓީއަކާއި، އިތުރު ރަށެއްގައި ވަގުފު އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ، އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި ވަގުފު ނިޒާމު ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ފަސް ރަށެއްގައި ވަގުފު މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ.
އެ ރަށްތަކަކީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރަށް ގއ. ވިލިނގިއްޔެވެ. އެ ރަށްތަކުގައި ވަގުފު އިމާރާތްތައް އެޅުމަށް އިންވެސްޓުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ހިންގެވުމަށް އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އެހެންވެ، ޖުމުލަ މި މަޝްރޫއުތަކަށް 68 މިލިއަން ޚަރަދުވާނެއެވެ.