އދ.އާއި ޚާއްސަ އެޖެންސީތަކުގެ މުސްތަގުބަލަށް ނުރައްކާވާ މިންވަރަށް މާލީ ދަތިތައް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ގާނޫނީ ޒިންމާތައް އަދާކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން މިއަދު ގޮވާލައިފިއެވެ.
އދ. ގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވަނީ، މި ތާރީޚީ މުނާސަބަތުގައި، އދ. އިން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އދ. ގެ ޗާޓަރަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަޤްވާމީ ނިޒާމުގެ ބިންގަލަށްވެ، މަލްޓިލެޓްރަލިޒަމް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އޮނިގަނޑަކަށް ވެފައިވާކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން ބުނީ، ސުލްޙައާއި ސަލާމަތީ، ތަރައްޤީއާއި އިންސާނީ ޙައްޤުތަކަކީ އދ. ގެ ނިޒާމުގެ ތަނބުތައް ދެކޭ ކަމަށެވެ.
އެ ތަނބުތަކަކީ އަމާންކަމާއި ދުޅަހެޔޮކަމުގެ އަސާސްތައް ކަމަށާއި އިންސާނީ ޙައްޤުތަކެއް ނެތި ސުލްޙައެއް ތަރައްޤީއެއް ނޯންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
އެކާވީސް ވަނަ ޤަރުނުގައި އދ.ގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި، ފުޅާ އިޞްލާޙީ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށް އެ ކައުންސިލުން ގަބޫލުކުރެއެވެ.
ސެކިއުރިޓީ ކައުންސިލް ވާގިނެތިފައިވުމަކީ، އދ. ގެ އެންމެ މުހިންމު ޒިންމާކަމަށްވާ ބައިނަލްއަޤްވާމީ ސުލްޙައާއި ސަލާމަތީ ކަންކަން ހިފެހެއްޓުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ބަޔާނުގައިވެއެވެ.
އެކަމަށްޓަކައި ޔޫއެންސީޕީޖީއޭއިން ވަނީ، ސުލްޙަ އަދި ސަލާމަތީ ދާއިރާގައި އދ. ގެ ދައުރު އިޞްލާޙުކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ގޮވާލާފައެވެ.
އެ ޖަލްސާއަށްފަހު، އދ. ގެ ޗާޓަރުގެ މާއްދާ 109 ގެ ދަށުން ޗާޓަރު މުރާޖަޢާކުރުމަށް އާންމު ކޮންފަރެންސެއް މެދުވެރިކޮށް ޖަމްޢިއްޔާގެ ފުޅާ އިޞްލާޙަށް މަގުފަހިވާނެ ކަމަށް ރައީސުންގެ ކައުންސިލުން ވަނީ ބުނެފައެވެ.
ޖަލްސާގައި ބައިނަލްއަޤްވާމީ ސުލްޙަ އާއި ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އެޑުރެސްކުރަން އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެގޮތުން،
- މަލްޓިލެޓްރަލިޒަމުގެ އެއްބައިވަންތަކަމަށް އޮތް ގޮންޖެހުން
- ބައިނަލްއަޤްވާމީ ޤާނޫނަށް އޮތް ގޮންޖެހުންތައް
- ބޮޑެތި ބާރުތަކުގެ ކުރިމަތިލުމާއި ނިއުކްލިއާ ހަނގުރާމައިގެ ނުރައްކާ
- އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާ
ބަޔާނުގައި އިތުރަށް ވަނީ، ޖެހިގެން އަންނަ ސެކްރެޓަރީ-ޖެނެރަލްގެ އިންތިޚާބަކީ އދ. ގެ ލީޑަޝިޕް ހަރުދަނާކުރުމަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އެހެންވެ، ޔޫއެންސީޕީޖީއޭ އިންވަނީ، އދ. ގެ 193 މެމްބަރު ޤައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިޚާބީ ޕްރޮސެސްއެއް ގެންގުޅުމަށް ގޮވާލާފައެވެ.








