2025 ވަނަ އަހަރު ޗައިނާގެ ޒެންގްޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޔާމީން އަޙުމަދު އެވެ. މި ފޯރަމްގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އަދި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ފޯރަމް ބޭއްވުނީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖީތަކާއި އާ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ތަފާތު ޤައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައެވެ. ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލަކަށް ވާއިރު، މި ފޯރަމްގައި ބައިވެރިވުމަކީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާގެ ތަފާތު ސިޓީތަކުގެ މޭޔަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ދިވެހިރާއްޖޭގެ ވަފުދުން ބައްދަލުކޮށް، ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.








