ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ކަސްޓަމްސްގެއިސް މުވައްޒަފަކު ވަކިކޮށް، އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މިއަދު އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ.
މިއީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ޚިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ގޮތުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ކަސްޓަމްސްއަށް އަންގަވާފައިވާ ކަމަށެވެ.
އެކަމަކު، އެ މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅުނީ 8475 ސިނގިރޭޓު ކާޓޫނެވެ. އެއީ 84،000 ފޮށި ނުވަތަ 1.695 މިލިއަން ސިނގިރޭޓެވެ.
ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށްފަ އެވެ.އެގޮތުން ކުރިން ނަގި 3ރ. ގެ ޓެކްސް 8ރ. އަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.








