"ހިންނަވަރަށް ގަދަ ލިލީ" ގެ ގޮތުގައި މުޅި ސޯޝަލް މީޑިއާގައި މަޝްހޫރުވި ލިލީ ބަލަން ދިގު ކިޔުއެއް އޮލިމްޕަސް ބޭރުގައި ހަދައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ "ލިލީ" ގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު މިހާރު ވަނީ މުޅިންހެން ހުސްވެފަ އެވެ. ފިލްމުގެ ޓިކެޓު ހެނދުނު 10 އިން ފެށިގެން ރޭގަނޑު 10 އަށް އޮލިމްޕަސް ޓިކެޓު ކައުންޓަރުން ވިއްކާއިރު އެނޫން ގަޑިތަކުގައި ވެބްސައިޓު މެދުވެރިކޮށް ނުވަތަ ހޮޓްލައިން މެދުވެރިކޮށް ޓިކެޓު ގަނެވޭނެ އެވެ.
ވެބްސައިޓު: www.book.lilythemovie.com
ހޮޓްލައިން: 7505079

އައިޝާ އަލީ، މުހައްމަދު އިޝްފާން، އަހުމަދު ޝާރިފް އަދި މަރިޔަމް ޝިމާ ލީޑް ރޯލުން ފެންނަ “ލިލީ” ގެ އިތުރު މުހިންމު ކާސްޓުންގެ ތެރޭގައި މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދި އަލީ ފާރޫގުވެސް ހިމެނެ އެވެ. މިއީ އިޖުތިމާއީ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލައި ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ.
މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލި 2 މިނެޓުގެ ޓްރެއިލާއިން ލޯތްބާއި ހިތާމަ އަދި އަނިޔާވެރިކަންވެސް ފެނެެ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ މިއީ ހުރިހާ އިހުސާސްތަކެއް މަސްހުނިވެގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. އެގޮތުން އެކި ކުށްތަކަށް އަރައިގަންނަ މީހުންނާއި އެމީހުންގެ ސަބަބުން ވަށައިގެން ތިބޭ އެހެން މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ފިލްމުގައި ދައްކާނެކަމަށް އަޒްހާން ބުންޏެވެ.
ސަމާހު އިބްރާހިމް މަންޒަރުތައް ނަގާދީފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަރީހު އެވެ. ފިލްމު ޝޫޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ އަދި ފެބުރުއަރީ މަހުގެ ތެރޭގައި ޅ. ހިންނަވަރުގަ އެވެ. ފިލްމުގައި ހިމެނޭ ލަވައެއް ލ އަތޮޅުގެ ރަށްތަކުގައިވެސް ވަނީ ޝޫޓުކޮށްފަ އެވެ.








