މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފައެވެ.
މިގޮތުން އެމަނިކުފާނު ތަޢުޒިޔާ ދަންނަވާފައިވަނީ މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
"މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އަދި މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވެއެވެ.
އެމަނިކުފާނު ވަނީ މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރައްވައި، މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރައްވައިފައެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައިވަނީ އެމްޕީއެލްގެ ލޭބަރަރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން (32 އ) އާއި އެ ކުންފުނީގެ ލޭބަރަރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް ޢަބްދުﷲ (25 އ) އެވެ. އެމްޕީއެލް އިން ވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަޙުޤީޤު ފަށާފައިވާ ކަމަށާއި، ތަޙުޤީޤުން އެނގޭ މަޢުލޫމާތަށް ރިޢާޔަތްކޮށް އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށް ބުނެފައެވެ.








