ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާއިރު، ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކާ ނިންމާފަ އެވެ. ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފަ އެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.








