ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދެ ޓާމިނަލްގައި ވެސް އީ ގޭޓުތައް ހަރުކުރަން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑާ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ވެސް އަންނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.








