ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކައި ޖިސްމާނީ އަނިޔާ ވެދާނެ ފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން ތުހުމަތު ކުރެވެނީ އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކަށް ކަމަށެވެ.
ފުލުސް މީހާ އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ވެދާނެ އަމަލެއްކޮށް، ބިރު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިމައްސަލައަކީ ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.








