އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެނަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ގެ ހަޟްރަތުގައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާއި މަރުޙޫމާގެ އާއިލާއަށް ޖެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
އައްޑޫ ސިޓީގައި އިއްޔެ ވިހެއުމުގެ ތެރޭގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުންދިޔަ ޢާއިޝަތު ނަޒާހަތު އަޙްމަދެވެ. އޭނާ ނިޔާވީ އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތްވާ ހާލު ސީރިއަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.








