ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.
އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.








