އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝާމިލް ވިދާޅުވީ 24 ސެޕްޓެމްބަރ 2008 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެންދިޔަކަމާއި، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އަދި، މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާކަން ފާހަގަކުރެވޭކަމަށް ވިދާޅުވި އެވެ.
އަދި، އޭގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަޙުޤީޤުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭކަމަށް އަންގާފައިވާކަމާއި، ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މި ތަފާސްހިސާބުން، ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަށް މި ތަފާސްހިސާބުން ހާމަވާކަމަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.








