"21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، 14 ޖަނަވަރީ 2026 ގެ ނިޔަލަށް އުމުރުން 25 އަހަރު ނުފުރޭ ފަރާތަކަށްވުމާއި، ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ކީރިތި ޤުރުއާން ނުބަލައި ކިޔަވަން އެނގުމާއި، ދުނިޔޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުމުގެ އިތުރުން އަލްޖީރިއާ ހޮލީ ޤުރުއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒްގެ އެއްވެސް އެޑިޝަނަކުން 1،2 ނުވަތަ 3 ވަނަ ހާސިލުކޮށްފައިވާ ފަރާތަކަށް ނުވުން ހިމެނޭ ކަމަށެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރާ ގޮތުގައި މި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުޞަތު ލިބިފައިވަނީ އެންމެ ބައިވެރިއެއް ކަމަށާއި، މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިޙާނު ކުރުމަށް ފަހު ކަމަށެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތަށާއި ބެލެނިވެރިޔާ އަލްޖީރިއާއަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.








