ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ މުހިންމު އެއް ބަޔަކަށް ވެފައިވާ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދަނީ ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ.
މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
މައުލޫމާތު އެއްކުރުމުގެ މި މަސައްކަތް ފެށިފައިވަނީ މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރވޭ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މި ސަރވޭއިން އަގުހުރި މައުލޫމާތުތައް އެއްކުރެވޭނެއީ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ހިންގާ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، މިފަދަ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުންނެވެ. މި ތިން ބައިގެ މައުލޫމާތުތަކުގެ ސަބަބުން ކޮމިއުނިޓީ ޓޫރިޒަމްގެ ތަފާތު ތަޖުރިބާތަކާއި ހިޔާލުތައް އެނގިގެންދާނެއެވެ.
މިހާތަނަށް ސަރވޭ ކުރިއަށްގެންގޮސްފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ހުޅުމާލެއާއި، ކ. މާފުށި، އަދި ކ. ދިއްފުށި ހިމެނެއެވެ. މި ތިން ރަށުގެ ސަރވޭ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކުރިއަށް އޮތްތާނގައި ސަރވޭ ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ، އަދި ބ. ފެހެންދޫ ހިމެނެއެވެ. މި ސަރވޭގެ ނަތީޖާއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމްގެ ކުރިމަގު ބައްޓަންކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ޤަބޫލުކުރެއެވެ.








