ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުވި މީހަކު ސަލާމަތްކޮށްފިއެވެ.
ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ފުުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މައުލޫމާތު ލިބުމުން، ދޯނި ދިޔަވި ސަރަހައްދަށް ފުލުހުންގެ ލޯންޗު ގޮސް ބެލުމުން، ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރީ ކަނޑު ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ، އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށެވެ. އަދި އެދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް ފުލުހުން ވަނީ ޢިލްތިމާސްކޮށްފައެވެ.








